dv

ދީނީ ބަހަނާއެއްގައި ވިޔަސް ހިލޭ އަންހެނުންނާއި އެކީ ސޯޝަލް މީޑިއާގައި އެކަހެރިވާ ގޮތުގައި ޗެޓު ކުރުމުގެ މައްޗަށް ތަޙުޛީރު!

ސުވާލު: އުޚްތަކު ސުވާލު ހުށަހަޅާފައިވަނީ ތުރުކީގައި ހުރި އޭނާގެ ބައްޕަފަރާތު ދެބެންގެ ދެދަރި ފިރިހެނަކާއި އެކު ވަޓްސްއަޕް މެދުވެރިކޮށް ވާހަކަދެއްކުމާއި ބެހޭގޮތުންނެވެ. (އެ ފިރިހެންމީހާ) އާއިލާގެ ޚަބަރުތައް އޮޅުންފިލުވުމަށް މެސެޖުކުރުމުން އުޚްތާ ޖަވާބުދެއެވެ. އަދި ދީނީ ފޮތްތަކާއި ލިޔުންތައް އޭނާއަށް ހިދާޔަތަށް އެދި ފޮނުވައެވެ. މިކަން ހުއްދަވާނެހެއްޔެވެ؟

ޖަވާބު:

ހިލޭ ފިރިހެނަކާއެކު ޚަލްވަތު ވުމީ (އެކަހެރި ވުމީ) އަންހެނަކަށް ހުއްދަވެގެން ނުވާ ކަމެވެ. އެއީ އޭނާއާއި ގާތްތިމާގެ (އެހެނަސް މަޙުރަމަކަށް ނުވާ) ބައްޕަފަރާތު ދެބެންގެ ދެދަރި ފަދަ މީހަކު ކަމުގައި ވިޔަސް، މަންމަފަރާތު ދެބެންގެ ދެދަރި މީހަކު ކަމުގައި ވިޔަސް، ނުވަތަ އެނޫން ވިޔަސް މެއެވެ. އަދި އިންޓަރނެޓް މެދުވެރިކޮށް މުއާމަލާތްކުރުން ނުވަތަ ވާހަކަދެއްކުމުގައި އެކަހެރިވުމާ އެއްގޮތް ކަމެއް އެކުލެވިގެންވެއެވެ. އަދިކިއެއްހެއްޔެވެ؟ ބައެއް ފަހަރު، ޙަޤީޤީ އެކަހެރިވުމަށްވުރެ ވެސް މީގެ ގެއްލުން ބޮޑުވެދެއެވެ. އެއީ ރޭގަނޑާއި ދުވާލު، ހުރިހާ ވަގުތެއްގައިވެސް މިއީ ދެމިއޮންނަ ކަމަކަށް ވާތީއެވެ.
އަދި ޙަދީޘްފުޅެއްގައި ވެއެވެ:

«تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ عُودًا عُودًا، فَأَيُّ قَلْبٍ أُشْرِبَهَا نُكِتَ فِيهِ نُكْتَةٌ سَوْدَاءُ، وَأَيُّ قَلْبٍ أَنْكَرَهَا نُكِتَ فِيهِ نُكْتَةٌ بَيْضَاءُ، حَتَّى تَصِيرَ عَلَى قَلْبَيْنِ، عَلَى أَبْيَضَ مِثْلِ الصَّفَا فَلَا تَضُرُّهُ فِتْنَةٌ مَا دَامَتِ السَّمَاوَاتُ وَالْأَرْضُ، وَالْآخَرُ أَسْوَدُ مُرْبَادًّا كَالْكُوزِ، مُجَخِّيًا لَا يَعْرِفُ مَعْرُوفًا، وَلَا يُنْكِرُ مُنْكَرًا، إِلَّا مَا أُشْرِبَ مِنْ هَوَاهُ»

((ފިތުނަތައް ހިތްތަކަށް ހުށަހެޅެމުންދާނީ ކުނަލު-ހައި ⁽¹⁾ ހެން އެކަތިކޮޅަށްފަހު އަނެކަތިކޮޅުން ނެވެ. ފަހެ، އެ ފިތުނައިން ތެންމައިފި ކޮންމެ ހިތެއްގައި ކަޅު ތިއްކެއް ޖެހޭނެއެވެ. އަދި އެ ފިތުނައަށް އިންކާރުކުރި ކޮންމެ ހިތެއްގައި ހުދު ތިއްކެއް ޖެހޭނެއެވެ. އެއީ ހިތްތައް ދެބަޔަކަށް ބެހެވުމާއި ހަމައަށެވެ. (އެއިން އެކައްޗަކީ) އޮމާން ހުދު ގަލެއްފަދަ ހުދު ހިތެކެވެ. ފަހެ އުޑުތަކާއި ބިން ދެމިއޮތްހާ ހިނދަކު އެއްވެސް ފިތުނައަކުން ގެއްލުމެއް އެއަށް ނުފޯރާނެއެވެ. އަދި އަނެކެއްޗަކީ ދަމިލަ ޖަހާފައިވާ ކަޅުކުލައިގެ ހިތެކެވެ. ނުފުށަށް ޖެހިފައިވާ ލޮޓާ އެއް ފަދައެވެ.⁽²⁾ ހަވާ ނަފްސުން ބަލައިގަނެއްޖެ ކަމެއް ފިޔަވައި ހެޔޮކަމެއް ނުވެސް ދެކެދެނެގަނެއެވެ. އަދި ނުބަޔަކަށް އިންކާރެއް ނުމެ ކުރެއެވެ.)) — ރިވާކުރެއްވީ އިމާމު މުސްލިމް އެވެ.

ވީމާ، އެ އުޚުތާ ގެ މައްޗަށް ވަނީ މި ގުޅުން ކަނޑާލުމެވެ. އެހެނީ އެއީ ޝައިޠާނާގެ ފިޔަވަޅުތަކުގެ ތެރެއިންވާ ކަމެކެވެ. والله اعلم.

ރޭޑިއޯ ފަތުވާ (ނަންބަރު 628)
~ ގަލަންދާނު 🖋️

ــــــــــــــــــــ
[1] ހައި : ކުނާ ވިޔަން ގެންގުޅޭ ހުއި. ހައި ނުވަތަ ކުނަލުހައި އަކީ ވަކިބާވަތެއްގެ ވިނަގަހެކެވެ. މިއީ ދިވެހި ކުނަލުގެ އެއްވަނަ ދަރަޖައިގެ ބާވަތެވެ. (ދިވެހިބަހުގެ ރަދީފު، އަދި މިލިޔުން )
[2] ލޮޓާ : ފެންއަޅާ ކުދިވަރުގެ ކުރާކަހަލަ އެއްޗެއް. މިއީ ލޮއިން ހަދައިފައި ހުންނަ ކަންވާރެކެވެ. މި ހުންނަނީ ކޮއްޔެއް ލައިފައި ވައްގަނޑެއް ނެތި ކުރުކޮށެވެ. — (ދިވެހިބަހުގެ ރަދީފު.)