dv

ފުޓްބޯޅައާ ބެހޭ ބައެއް މައްސަލަތައް، އަދި އޭގައި ﷲގެ ޙުކުމް ނޫން ޙުކުމެއް ކުރެވޭ ކަމަށް ވިދާޅުވާ ބޭކަލުންގެ ބަސްފުޅަށް ބަލައިލުމެއް އަދި ތާޢީދެއް

[1] ފަތުވާ

ފަޟީލަތުއްޝައިޚް: ސުލައިމާން ބިން ނާޞިރު އަލްޢަލްވާން

ސުވާލު: މިއަދު ކޮންމެ މީހެއްވެސް ހުޅަނގުގެ ކޮންމެވެސް ކުލަބަކަށް ސަޕޯޓުކުރެއެވެ. އަދި މީސްތަކުން ތެރެއިން ގިނަ ބަޔަކު ހުޅަނގުގެ (މިކުލަބުތަކުގެ) ހެދުންތައް (ޖާޒީތައް) ލައި އުޅެއެވެ. އަދި އޭގެ ތެރެއިން ގިނަ ހެދުމުގައި ޞަލީބު ހުރެއެވެ. އަދި ބައެއް މީހުން މިޘާލަކަށް ވަޓްސްއެޕް އަދި ޓްވިޓަރގައި ކާފިރު އަދި އިސްލާމުންނާ ދެކޮޅަށް ހަނގުރާމަކުރާ ޤައުމުތަކުގެ ކުޅުންތެރިންގެ ފޮޓޯ (ލޯތްބާއި ސަޕޯޓު ރަމްޒުކޮށްދީ) ޕޯސްޓުކޮށް ހަދައެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އެމީހުން އެކުޅުންތެރިން އިންތިހާއަށް ކޮޕީކޮށް ހަދައެވެ. އަދި ބައެއް މީހުން އެމީހުން ބޯކޮށާ ގޮތަށް ބޯކޮށައި، (ކަންކަމާއި ވައްޓަފާޅީގައި) އެމީހުންނަށް ތަބާވެއެވެ. އަދި މިކަންތަކުގައި (ފުޓުބޯޅަ ފޯރީގައި) ޒުވާބުކޮށް އަރައިރުންވެ ވެސް ހަދައެވެ؟

ޖަވާބު: މީހެއް ފުޓްބޯޅަ މެޗެއް ބެލުމަކީ ނުބައި ނުލަފާ ކާފިރުންނަށް ބަލާން ވަޤުތުހޭދަކުރުމެވެ — ﷲ އެކަމުން އަހަރެމެން ރައްކާތެރިކުރައްވާށިއެވެ. އަދި (ކުޅުންތެރިންނަކީ) މުސްލިމުން ކަމުގައި ވިޔަސް، އެކަމަކީ މަގުއޮޅިފައިވާ ފާސިޤުންނަށް ބަލާން ވަޤުތު ހޭދަކުރުމެވެ. އަދި އޭގެ ސަބަބުން މީހަކު ދޮޅު ގަޑިއިރު ބޭކާރަށް ހޭދަކޮށްލައެވެ. އަދި މިއީ ދެހާފު ދެމެދުގައިވާ ވަޤުތާއި، އިތުރު ވަޤޫތަށް މެޗު ދިގުދެމިގެންގޮސްފިނަމަ ފާއިތުވާނޭ ވަޤުތު ނުހިމަނައެވެ!

މީގެ އިތުރުން: ފުޓްބޯޅައިގައި މާސިންގާ ކަމެއް ހިމެނެއެވެ. އެއީ (ކަންބޮޑުނުވެ) ދޫކޮށްލެވޭވަރު ކަމެއް ނޫނެވެ: (ފީފާގެ އިންތިޒާމުގެ ދަށުން) މިއަދު ކުޅެވޭ ފުޓުބޯޅައިގައި ﷲގެ ޝަރީޢަތަށް ޙުކުމްކުރުމެއް ނޯވެއެވެ. އެހެނަސް ޙުކުމްކުރެވެނީ ވަޟަޢީ ޤާނޫނުތަކަށެވެ.

ވީމާ، ކުޅުންތެރިއަކު ޓެކުލް އެއް ކޮށް ޤަޞްދުގައި އަނެއް ކުޅުންތެރިޔާގެ ފަޔެއް ބިންދައިލައިފި ނަމަ، ހާނިކަވި ކުޅުންތެރިޔާއަށް އޭނާގެ ޙައްޤު ޝަރީޢަތުގެ މަގުން ހޯދުމަށް އެދެވިދާނެހެއްޔެވެ؟!

ނޫނެކެވެ. އެހެންކަމުން، މިއީ މާތް ﷲ ބާވައިލެއްވި ޙުކުމް ނޫން އެހެން ގޮތަކަށް ޙުކުމްކުރުމެވެ! *(ނޯޓް: މިމައްސަލައިގެ ތަފްޞީލު މިލިޔުމުގެ އަރިމަތީބާބުގައި ގެނެވިފައިވާނެެވެ.)

އަދި އެހެންމެ، މެޗު ބަލަން ދިއުމަށްޓަކައި ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރެވެއެވެ!

މީގެ އިތުރަށް، ފާސިޤަކަށް އަތްޖަހައި ސާބަސްދިނުމަށް ނޫނީ (ޖޯޝުގައި) ލޭކެކުމަށް އަމިއްލަ ނަފްސަށް މީހަކު ރުހެނީ ކޮންގޮތަކުން ބާވައެވެ؟! އޭނާގެ ހިތުގެ ވިންދާއި، މާތް ޤަދަރާއި، އިޖާބަދިނުން ވަނީ މި މަގުއޮޅިފައިވާ ފާސިޤާއެކުގައެވެ. އަދި އޭނާގެ ޓީމު ކޮޅަށް ގޯލެއް ޖަހައިފިނަމަ ލިބޭ ދެރައާއި ހިތާމަ ފެންނާނެއެވެ! (ފާސިޤުންނަށްޓަކައި އޮންނަ) މި ހުރިހާ ކަމަކީ މުންކަރާތްތަކެވެ. އަދި މިކަންކަން އެމީހުންގެ ކިބައިގައިވެއެވެ!

އަދި މި ކުޅިވަރަކީ އަޞްލު މޭސޮނިކް ކުޅިވަރެކެވެ. (އެއީ ސިއްރުތަކާއި ޝިރުކުގެ މައްޗަށް އޮންނަ ފިކުރެކެވެ. އަދި ޖަމިއްޔާއެކެވެ.) މުސްލިމުން އެމީހުންގެ ދީނާއި ޢަޤީދާއިން އެއްކިބާކުރުމަށްޓަކައި އުފައްދާފައިވާ ކުޅިވަރެކެވެ.

އަދި މި ކުޅިވަރު ބަލާ ގިނަ މީހުން އެމީހުންގެ ވަލާއު (ލޯބިވުމާއި ވާގިވެރިވުން) ދެނީ ކާފިރުންނަށެވެ. (ވަލާއު ގެ އަޞްލަކީ ﷲ އަށްޓަކައި ލޯބިވެ ވާގިވެރިވުމެވެ. އަދި އެއިލާއަށްޓަކައި ބަރީއަވެ ރުޅިއައުމެވެ.) ކާފިރަކު ގޯލެއް ޖެހުމުން އެމީހުން އޭނާ ކޮނޑަށް ނަގައިގެން އުޅެއެވެ! އަދި ކްލަބްތަކަކީ އެއް ސަރަޙައްދެއްގެ ކްލަބްތަކެއް ކަމުގައިވާނަމަ، އެމީހުންގެ މެދުގައިވާ ޢަދާވާތްތެރިކަމުގެ ބޮޑުކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ!

އެމީހުން ފުޓްބޯޅައަށް ބަހައްޓާ ވަލާއު، ﷲ އާއި އެކަލާނގެ ރަސޫލާއަށް ބެހެއްޓިނަމަ، ﷲ ގަންދީ ބުނަމެވެ، ބިމުގެ މަތީގައި އެއްވެސް ފަސާދައެއް ނުއޮންނާނެއެވެ!

އެހެނަސް އެމީހުން ވަލާއު އާއި ބަރާއު ބަހައްޓަނީ މި ފުޓްބޯޅައަށެވެ!

އަދި ސަޕޯޓަރުންގެ ގޮނޑިތައް ފުރިގެންދަނީ ތާރީޚުގައި މިޘާލެއްވެސް އެނގެންނެތްފަދަ ގޮތަކަށެވެ. ބައެއް ފަހަރު ކަޓައިގެންދާ ނުވަތަ "ކަޕް މެޗް" އޭ އެމީހުން ކިޔާ މެޗުތަކަށް ފަސްދޮޅަސް ހާސް، ހަތްދިހަހާސް އަދި އަށްޑިހަހާސް މީހުން ޙާޟިރުވެއެވެ.

މިއީ ވަރަށް ސާފުކޮށް އެނގެން ހުރި ކަންކަމެވެ! ﷲ އަށްޓަކައި ލޯބިވުމާއި ﷲ އަށްޓަކައި ނުރުހުންތެރިވުމަކީ އިބްރާހީމްގެފާނުގެ މިއްލަތުގެ އެންމެ ވަރުގަދަ އުޅައް ތެރެއިންވާ ކަމެކެވެ!

އަދި އިބްނު ތައިމިއްޔާ —رحمه الله تعالى— الفتاوى ގައި، އަދި އިބްނު އަލްޤައްޔިމް مدارج السالكين ގައި، އަދި އިބްނު ރަޖަބް —رحمه الله تعالى— ވިދާޅުވެފައިވެއެވެ: "ﷲ ނުރުއްސަވާ ކަމަކަށް ލޯބިކޮށްފި މީހާ ނުވަތަ ﷲ ލޯބިވޮޑިގަންނަވާ ކަމަކަށް ނުރުހުންވެއްޖެ މީހާގެ ކިބައިގައި ޝިރުކުގެ ގޮތްޕެއް ވެއެވެ."

ވީމާ، މި މައްސަލައަކީ ހަމައެކަނި ކުޅުންތެރިއަކަށް ސަޕޯޓުކުރުމުގެ ކަމެއް ކަމަށް ތަޞައްވުރު ކުރެވޭވަރަށްވުރެ މާ ބޮޑު ކަމެކެވެ. އަދި ކީއް ހެއްޔެވެ؟ މި ކުޅިވަރުގެ ފުންމިނާއި ނުފޫޒު އިންތިހާއެވެ. މިއަށް މީސްތަކުން ދަމައިގަންނަ ސަބަބަކީވެސް މިއެވެ. އެއީ ސިޙުރު ފަދަ ކަމެކެވެ. އަޖައިބަކީ، ހެޔޮލަފާ އަދި ޞާލިޙު ބައެއް މީހުންވެސް މި ކުޅިވަރު ފޯރީގައި ބަލައި ފޫގަޅާފައިވާތަން ފެނުމެވެ! އަދި އެމީހުންގެ ހިތުގައި މި ކާފިރު މީހާއަށް ހިތްމަޑު ކަމެއް އޮވެއެވެ! މި ކާފިރު މީހާއަށް ލޯބި އޮވެއެވެ! އަދި މި ކާފިރު މީހާ މޮޅުވުމަށް އެދެއެވެ!

އޭނާ އަމިއްލަ ނަފްސު ޙިސާބުކޮށްލާނެ ނަމައެވެ: ﷲގެ ދީން ގެއްލުވާލާފައިވާ މަގުއޮޅިފައިވާ ފާސިޤަކު މިކަމުގައި މޮޅުވުމަށް ތިބާ ލޯބިކުރާނީ ކިހިނެއްހެއްޔެވެ؟!

މީގެ އިތުރުން، ކުޅުންތެރިއަކަށް މަހަކު އެއްލައްކަ ނުވަތަ ދެލައްކަ މުސާރައިގެ ގޮތުގައި ދެއެވެ. (މިއީ މީގެ ވިހި ފަންސަވީސް އަހަރުގެ ކުރީގެ ހިސާބެކެވެ.) އަދި އޭނާއަކީ ނުބައި ނުލަފާ ކާފިރުންގެ ތެރެއިންވާ މީހެއްނަމަ އޭނާއަށް ތިންލައްކަ ޑޮލަރު ދެއެވެ. އަދި ކޯޗަށް އެގްރީމަންޓް ސޮއިކުރާ އެޑްވާންސެއްގެ ގޮތުގައި މިލިއަން ޑޮލަރު ލިބެއެވެ! ދެން އެތައް ސަތޭކަ ހާހެއް މުސާރައިގެ ގޮތުގައި ލިބެއެވެ!

އަދި އެމީހުން (މިކުޅިވަރުގެ ސަޕޯޓަރުން) އެކަމާ ޙަސަދަވެރިއެއް ނުވެއެވެ! ނަމަވެސް މުސްލިމަކަށް މިވަރު (މުސާރައެއް) ދެވިއްޖެނަމަ، ޙަސަދަވެރިކަމާއި ނުރުހުންތެރިކަމާއެކު މަޖިލިސްތަކުގައި އެވާހަކަ ދައްކަން ފަށާނެއެވެ! އެހެނަސް މި ކާފިރު މީގައި ހިފަންވީއެވެ!

މީގެ އިތުރުން، މި ފާސިޤު ކުޅުންތެރިޔާ މި ފައިސާ ނަގަނީ ﷲގެ މަގުން މީސްތަކުން އެއްކިބާކުރުމަށެވެ!

މީގެ އިތުރުން، (ފުޓުބޯޅަ ޓުރައިނިންގް) ކޭމްޕުތަކުގައި ބޮޑެތި ގޯސްތައް ހިނގައެވެ. ނަމާދުތަކަށް ފަރުވާކުޑަކުރުމާއި މުންކަރާތްތައް ހިނގާކަމަށް، ތައުބާވެގެން އަހަރެމެން ގާތަށް އައި އެފަދަ ކޭމްޕުތަކުގެ (އަދި އެކަޑެމީ ތަކުގެ) ގިނަ މީހުން ބުނެއެވެ! (އަދި މިއީ ރާއްޖޭގައިވެސް ކަންއޮތް ގޮތެވެ. ނަމާދު ޖަމާޢަތްތައް އަޅާފައި އެކަޑެމީތަކުގެ ޓުރެއިންނިންގުތައް ކުރިޔަށް ދެއެވެ.) އަދި މިފަދަ މީހުންނަށް (ނަމާދު އަޅައި މުންކަރާތުގެ ކޯޗުންނަށް އެފާސިޤުކަމާއި އެކުގައިވެސް) ހިތްމަޑުވެއެވެ! އަދި ކޭމްޕުގެ ޤަވާޢިދުތަކަށް ތަބާވުމުގެ ސަބަބުން (އެފަސާދަތަކަށް) އެއްޗެއް ނުބުނެވިފައި ހުންނަންޖެހޭއިރު، ބައެއް ކުޅުންތެރިންގެ ފަރާތުން ތިބާއަށް މަލާމާތްކުރުންވެސް ކުރިމަތިވެއެވެ!

މިއީ އެމީހުންގެ ދުލުން ސާފުކޮށް އަހަރެމެންނަށް ކިޔައިދީފައިވާ ވާހަކަތަކެކެވެ.

އަދި މިނޫން އެހެން މުންކަރާތްތައްވެސް އޭގައިވެއެވެ.

ވީމާ، މި ކުޅިވަރަކީ ހަމައެކަނި ހިތްޖެހޭ ކަމަކަށްވުރެ ފުން މާ ބޮޑެތި އަނދަވަޅުތަކެއް ހުރި އެއްޗެއްކަން މީހާ ދަނެ ސަމާލުވާންޖެހެއެވެ.


ސުވާލު: ޝެއިޚެވެ. ޒުވާނުންގެ ޖާޒީތަކުގައި ކާފިރު ޤައުމުތަކުގެ ދިދަ ޖަހައިގެން އުޅުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު: އެކަން ނަހީކޮށް އިންކާރުކުރަންޖެހޭނެއެވެ. ކްލަބްތަކުގެ ޖާޒީ ލާ ކުޑަކުދިންނަށްވެސް އެކަން ނަހީކޮށް އިންކާރުކުރަންޖެހޭނެއެވެ.

މިއީ ކާފިރުންނާ އެއްގޮތްވުމުގެ ތެރެއިންވާ ކަމެކެވެ. އަދި އެކަން ނަހީކުރަންޖެހޭނެއެވެ. މި އެންމެހާ ކަމެއްވެސް ނަހީކުރަންޖެހޭނެއެވެ.

އެންމެ ކުޑަމިނުން މުސްލިމުންގެ ކްލަބެއްގެ ނިޝާން ޖަހާފައިވާ ޖާޒީއެއް ލިޔަސް، އެއީ މިޘަލަކަށް (ސަޢޫދީގެ) ބުރައިދާގެ ކްލަބެއް ކަމުގައިވިޔަސް، އެކަން ވެސް ނަހީކުރަންޖެހޭނެއެވެ. ސަބަބަކީ އޭނާ އެ ލަނީ ފާސިޤުންގެ ނިޝާނަކަށްވާތީއެވެ.

އަލްޞަންޢާނީ "ސުބުލުއް ސަލާމް" ގައި އިބްނު ޢުމަރުގެ ޙަދީޘް  «مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ» ((ފަހެ ބަޔަކާއި ވައްތަރު ވެގެންފި މީހާ އަކީ، އެބައެއްގެ ތެރެއިންވާ މީހެކެވެ.)) — މިޙަދީޘުގެ ގެ ދަށުން ވިދާޅުވެފައިވެއެވެ: "މިއީ ހަމައެކަނި ކާފިރުންނަށް ޚާއްޞަ ކަމެއް ނޫނެވެ. ފާސިޤުންނާ އެއްގޮތްވެގަތް މީހަކީ އެމީހުންގެ ތެރެއިންވާ މީހެކެވެ. މުނާފިޤުންނާ އެއްގޮތްވެގަތް މީހަކީ އެމީހުންގެ ތެރެއިންވާ މީހެކެވެ. ބިދުޢަވެރިންނާ އެއްގޮތްވެގަތް މީހަކީ އެމީހުންގެ ތެރެއިންވާ މީހެކެވެ. އަދި ކާފިރުންނާ އެއްގޮތްވެގަތް މީހަކީ އެމީހުންގެ ތެރެއިންވާ މީހެކެވެ."

ވީމާ، އެކަލޭގެފާނު ދެކެވަޑައިގަންނަވަނީ (ނަހީވެވުނު) އެއްގޮތްވުން އެއީ ހަމައެކަނި ކާފިރުންނަށް ޚާއްޞަވެގެންވާ ކަމެއް ނޫން ކަމަށެވެ.

އަދިވެސް، ސަޕޯޓަރު އެ ފާސިޤު މީހާއަށް ގަޔާވެ، އެ ފާސިޤު މީހާއަށް ތަބާވެގެން އެއުޅެނީ އޭނާގެ ޢަމަލަށް ރުހިގެންކަން ސާފުކޮށް އެނގެއެވެ. ނޫންނަމަ، ﷲ އަށްޓަކައި ޖޯޝެއްނުވާ އަދި ރުޅިވެސް ނުއަންނަ މީހަކު، މި ސްކްރީންތަކުގެ ކުރިމަތީގައި ދޮޅުގަޑިއިރު ބޭކާރުކޮށް، ޖޯޝާއެކު ތަޢައްޞުބުވެ، މިފަދަ ގޮތަކަށް އެއަށް އިޖާބަދޭނީ ކިހިނެއްހެއްޔެވެ!

އަދި އަހަރުތަކެއް ކުރިން ބުރައިދާގެ ކްލަބަކުން ޖެހި ލަނޑެއްގެ ސަބަބުން ބުރައިދާގައި ހިނގައިދިޔަ ޙާދިސާ ތިޔައަޚުންނަށް އެނގޭނެއެވެ. އެކުލަބުގެ "ޝަރަފުވެރި' މެންބަރަކު ވަގުތުން މަރުވިއެވެ! އޭނާއަކީ އެއަވަށުގެ މީހެކެވެ. މަރުވީ ލިބުނު ދެރައާއި ހިތާމައިގެ ބޮޑުކަމުންނެވެ! މާނައަކީ އޭނާގެ ހިތުގައި ވަރަށް ބޮޑު ވަލާއެއް އޮތްކަމެވެ!

އެހެންކަމުން، ގޯލެއް ޖެހުމުން އިންސާނާ އުފާކޮށް އުފާވެރިކަން ފާޅުކޮށް، އަދި ދެކޮޅަށް ގޯލެއް ވަނުމުން ދެރައާއި ހިތާމަ ލިބޭނަމަ—އޭނާއަށް ނަމާދެއް ނުކުރެވި ދިޔަސް ގޯލެއް ވަނުމުން ލިބޭވަރުގެ ދެރައެއް ނުލިބެއެވެ! އަދި އަޅުކަމެއް ކުރެވުނަސް ގޯލެއް ޖެހުމުން ލިބޭވަރުގެ އުފަލެއް ނުލިބެއެވެ!




[2] އަރިމަތީބާބު

ފުޓުބޯޅައިގައި ﷲގެ ޙުކުމް ނޫން ޙުކުމެއް ކުރުމުގެ މައްޗަށް އޮތް ޢިލްމުވެރިންގެ ބަސްފުޅަށް އަލިއަޅުވައިލުމެއް، އަދި މިކަމުގައި ތަކްފީރު ކުރުމުގައި ފަރުވާތެރިވުމަށް ސަމާލުކޮށްދިނުމެއް.

(ތިރީގައި އެކުލެވިފައިވާ ޚުލާޞާގެ މައިގަނޑު މަޞްދަރަކީ، މަކްތަބަތުލް ބުޙޫޘި ވައްދިރާސާތިގެ ރިސާލާތް، مِدَادُ الْقَلَمِ فِي حُكْمِ لَاعِبِي كُرَةِ الْقَدَمِ ، މިފޮތެވެ.)


ޢިލްމުވެރިން ކުރެ ބައިގަނޑެއް މިމައްސަލާގައި ޚިލާފުވެލެއްވިއެވެ. އެގޮތުން އޭގެން ބައިގަނޑެއް ވިދާޅުވިއެވެ. ކުޅިވަރުގައި ޖެހޭ މައްސަލައެއްގެ ގޮތް ނިންމުމީ ޙުކުމް ކުރުމެކެވެ. އަދި ﷲ ބާއްވައިލެއްވި ގޮތަށް މެނުވީ ޙުކުމެއް ނުކުރެވޭނެއެވެ. އައްޝެއިޚް ނާޞިރު އަލްފަހްދު ވިދާޅުވިއެވެ:

”(މިކަމުގައި އޮތް) އަސާސީ ޤަވާޢިދަކީ، ދެމީހެއްގެ ދެމެދުގައި ނިޔާކަނޑައަޅާ ކޮންމެ މީހަކީ—އެއީ ކުޑަކުދިންގެ އަތުލިޔުމުގެ މުބާރާތެއް ވިޔަސް ނުވަތަ އަމާޒަށް ބަޑިޖަހާ މީހުންގެ މެދުގައި ވިޔަސް—ޤާޟީއެކެވެ (ޙާކިމެކެވެ). މިއީ އަޞްޙާބު ބޭކަލުން ކަނޑައަޅުއްވާފައިވާ އަދި ޝެއިޚުލް އިސްލާމާއި (ނަޖުދީ) ދަޢުވަތުގެ އިމާމުން ފަދަ ބޭކަލުން ނަޤުލުކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން އެއްވެސް ޙާކިމަކަށް ﷲ އާއި އެއިލާހުގެ ރަސޫލު ﷺ ގެ ޙުކުމަށް މެނުވީ ޙުކުމްކުރުން ހުއްދައެއް ނުވާނެއެވެ. (މިއަށް) ”އަލްފަތާވާ“ އެންމެ ފަހު ޖިލްދުގައި ނަޤުލުވެފައިވާ ޝެއިޚުލް އިސްލާމްގެ ބަސްފުޅަށާއި، އަދި (އެކަލޭގެފާނުގެ ފޮތް) «އައްސިޔާސަތުއް ޝަރުޢިއްޔާ» ގައި ނަންގަނެވިފައިވާ އަބޫ ޛައްރުގެ ޙަދީޘްގެ ޝަރަޙައަށް ރުޖޫޢަވާށެވެ. ފަހެ ހަމަކަށަވަރުން އެކަލޭގެފާނު ވަނީ މިކަން ކަނޑައަޅުއްވާ، ޞަޙާބީންގެ އަރިހުން ނަޤުލުކުރައްވާފައެވެ. އަދި ނައްޞުތަކުން ދަލާލަތުކުރަނީވެސް މިއެވެ. ފަހެ މިކަމުގެ ޙަޤީޤަތް މިގޮތުގައި ކަނޑައެޅިގެންދާހިނދު ދަންނައެ، ކުޅިވަރު މެޗުތަކުގައި ހުންނަ ރެފްރީއަކީ ޤާޟީއެކެވެ...“ — އައްޝެއިޚް ނާޞިރު އަލްފަހްދުގެ ބަސްކޮޅު މިހިސާބަށް، ފަތާވާ އަލްޙާއިރިއްޔާ އިން، ނިމުނީ.


އަހަރެން ބުނަމެވެ: އަހަރެމެން މިއުޞޫލަށް އެއްބަސް ވަމެވެ. އެހެނަސް މިކަމުގައި ތަފްޞީލަށް ނުގޮސް ތަކްފީރަށް އަވަސްވެ ގަންނަމީހުންގެ އުޞޫލާއި ޚިލާފުވަމެވެ.

އާނއެކެވެ. الله تبارك وتعالى ވަނީ އެކަލާނގެ އަޅުތަކުންގެ މެދުގައި ޖެހޭ ކޮންމެ މައްސަލައެއްގައި—ކިތަންމެ ކުޑަ ކަމެއް ވިޔަސް ބޮޑު ކަމެއް ވިޔަސް، އަދި މާތް ކަމެއް ވިޔަސް ދެރަ ކަމެއް ވިޔަސް—އެކަލާނގެ ޝަރީޢަތުން ޙުކުމް ކުރުން ފަރުޟު ކުރައްވާފައެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ﴾ الشورى: ١٠ ((އަދި ތިޔަބައިމީހުން އެކަމަކާމެދުގައި خلاف ވާ ކޮންމެ ކަމެއްގެ حكم ކުރެއްވުންވަނީ، اللَّه އަށެވެ.))

އަދިވެސް ވަޙީކުރެއްވިއެވެ: ﴿فَإِن تَنَزَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ﴾ النساء : ٥٩ ((ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ.))

ފަހެ އެކަލާނގެ سبحانه وتعالى މިންވަރުކުރެއްވި ޙުކުމްފުޅުތަކުގެ ތެރެއިން، އިންސާނަކަށް ޒަޚަމެއް ނުވަތަ އެނޫންވެސް ޤިޞާޞް ހިފުން ވާޖިބުވާފަދަ ކުށެއް (ޖިނާޔަތެއް) ކޮށްފިނަމަ، އަނިޔާލިބުނު ފަރާތަށް އެކަމުގެ ބަދަލު ހިފުމުގެ ނުވަތަ މާފުކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

އެކަލާނގެ ވަޙީކުރެއްވިއެވެ:

﴿وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمُ الظَّالِمُونَ﴾ المائدة: ٤٥

((އެ توراة ގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاص ގެ أصول) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخم ތަކަކީ قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ. އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ.))

ފަހެ، ޤިޞާޞް ހިފުމުގައި އެކަލާނގެ ޙުކުމްފުޅާ ޚިލާފުވި މީހާއީ އަނިޔާވެރިއެއްގެ ގޮތުގައި الله سبحانه وتعالى ސިފަކުރެއްވިއެވެ. އަދި އާޔަތްތަކުގެ ސިޔާޤުން އެނގޭފަދައިންނާއި، މާތް ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ފަދައިން، މިއީ ދީނުން ބޭރުވާފަދަ ބޮޑު އަނިޔާވެރިކަމެވެ (الظلم الأكبر އެވެ).

ނަމަވެސް، ޢާންމު ގޮތެއްގައި اللهގެ ޙުކުމްފުޅާ ޚިލާފުވުމަކީ، ނިޔަތާއި ޙާލަތްތަކުގެ ތަފާތުން ތަފާތު ދަރަޖަތަކަކަށް ބެހިގެންވާ ކަމެއްކަން ހަނދާންކޮށްދޭންޖެހެއެވެ. ކާފިރަކާއި އުރެދޭ މީހާ (ޢާޞީ) އާ ދެމެދު ތަފާތުވަނީ މިކަމުންނެވެ. އެއީ އެ ދެމީހުން ކުރި ޢަމަލުން اللهގެ ޙުކުމްފުޅާ ޚިލާފުވި ނަމަވެސް، ފުރަތަމަ މީހާ (ކާފިރުވަނިވި މީހާ) ކޮށްފައިވަނީ ކޮންމެ ގޮތަކުންވެސް ޚިލާފުވުމުގެ ނިޔަތުގައި ކުރި ކަމެކެވެ. އެއީ އެކަމެއް ކުރުމަށްފަހު އިސްލާމްކަމެއް އަދި އީމާންކަމެއް ނޯންނާނެފަދަ ކަމެކެވެ. ދެވަނަ މީހާ (އުރެދެނިވި މީހާ) ޚިލާފުވާން ޤަޞްދުކުރީ ނަހީކުރައްވާފައިވާ ވަކިވަކި ކަންކަމުގައެވެ. އެކަމުގެ ސަބަބުން އޭނާގެ އީމާންކަމުގެ އަޞްލަށް އުނިކަމެއް ނުލިބެއެވެ.

މިކަން ސާފުކޮށްދެނީ، ތަޙްޤީޤުކުރައްވާ ޢިލްމުވެރިން، الله ބާވައިލެއްވި ޙުކުމް ނޫން އެހެން ޙުކުމަކުން ޙުކުމްކުރުމުގައި—ކުފުރުވުމާއި އީމާންކަމާ ފުށުއަރާ ގޮތަށް ކުރާ ޙުކުމް ކުރުމާއި، އެކަލާނގެއަށް އުރެދުމުގެ ގޮތުން ކުރެވޭ ޙުކުމްކުރުމާ ދެމެދު—ތަފާތު ކުރައްވާފައިވުމުންނެވެ.

އަލްޢައްލާމާ އިބްނުލް ޤައްޔިމް رَحِمَهُ اللَّهُ ވިދާޅުވިއެވެ: "(މިކަމުގައި) ޞައްޙަ ގޮތަކީ الله ބާވައިލެއްވި ޙުކުމް ނޫން އެހެން ޙުކުމަކުން ޙުކުމްކުރުމުގައި، ޙުކުމްކުރާ މީހާގެ ޙާލަތަށް ބަލައި ކުޑަ ކުފުރާއި ބޮޑު ކުފުރު ޝާމިލުވުމެވެ." (ނިމުނީ) [މަދާރިޖުއް ސާލިކީން 1 / 365].

އެއީ ޙާކިމުންގެ ތެރެއިން ރިޝްވަތު ހިފައިގެން އަނިޔާވެރިކޮށް ޙުކުމްކުރި މީހާ ފަދަ މީހުންނެވެ. ފަހެ، އެފަދަ މީހާ الله ބާވައިލެއްވި ޙުކުމުން ޙުކުމެއް ނުކުރެއެވެ. އަދި ކީއްހެއްޔެވެ، އޭނާ ޙުކުމްކުރީ އެނޫން ގޮތަކަށެވެ. އެހެންނަމަވެސް، އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި އޭނާ ކާފިރެއް ނުވެއެވެ. ނަމަވެސް އޭނާގެ އަނިޔާވެރިކަމާއި ބޭއިންސާފުން އޭނާ އުރެދުނީއެވެ. އަދި ތައުބާ ނުވެއްޖެނަމަ އޭނާއަށް ވަނީ ނަރަކައިގެ ޢަޒާބުގެ އިންޒާރު ދެއްވާފައެވެ.

الله ބާވައިލެއްވި ޙުކުމް ނޫން އެހެން ޙުކުމަކުން ޙުކުމްކުރުމުގެ ދެބަޔާއި—އެއީ ކާފިރުވާ ބަޔާއި ފާސިޤުވާ ބައި—ދެމެދު ތަފާތުކުރުން ޞައްޙަކަމުގެ ދަލީލުތަކުގެ ތެރޭގައި ރަސޫލުﷲ ﷺ ގެ މި ޙަދީޘްފުޅު ހިމެނެއެވެ: «من طلب قضاء المسلمين حتى يناله ثم غلب عدله جوره فله الجنة، ومن غلب جوره عدله فله النار» (رواه أبو داود في سننه عن أبي هريرة) ((މުސްލިމުންގެ ޤާޟީކަމަށް އެދިގެން، އެކަން ޙާޞިލުވުމަށްފަހު، އޭނާގެ އަނިޔާވެރިކަމުގެ މައްޗަށް ޢަދުލުވެރިކަން ގަދަވެއްޖެނަމަ، އޭނާއަށް ހުރީ ސުވަރުގެއެވެ. އަދި އޭނާގެ ޢަދުލުވެރިކަމުގެ މައްޗަށް އަނިޔާވެރިކަން ގަދަވެއްޖެނަމަ، އޭނާއަށް ހުރީ ނަރަކައެވެ.))


«ޢައުނުލް މައުބޫދު» (335/9) ގައި ވިދާޅުވެފައިވެއެވެ: "އެބަހީ: އޭނާގެ ޙުކުމުގައި އަނިޔާވެރިކަމަށްވުރެ ޢަދުލުވެރިކަން ގިނަވުމެވެ. އެވެނި މީހެއްގެ ކިބައިގައި ދީލަތިކަން ޣާލިބުވެގެންވެއޭ [ގިނައޭ] ބުނެވޭ ފަދައިންނެވެ. އެބަހީ އެއީ އޭނާގެ ސިފަތަކުގެ ތެރެއިން އެންމެ އަރައިހުރި ސިފައެވެ. އަދި މިޙަދީޘުގެ ބޭރުފުށުގެ މާނައަކީ، ސުވަރުގޭގެ ދަރުމަ ލިބުމުގެ ޝަރުޠަކީ ޤާޟީއެއްގެ ކިބައިން އެއްގޮތަކަށްވެސް އަނިޔާވެރިކަމެއް (ބޭއިންސާފެއް) ނުވުން ނޫންކަމެވެ. ނަމަވެސް މުރާދަކީ އޭނާގެ އަނިޔާވެރިކަމަށްވުރެ ޢަދުލުވެރިކަން އިސްވުމެވެ. އެހެންކަމުން މާސިންގާ ޢަދުލުވެރިކަމުގެ ދަށުން އައިސްފި ނާދިރު ބޭއިންސާފެއްގެ ސަބަބުން (ނަރަކަ ލާޒިމުވާ) ގެއްލުމެއް ނުފޯރައެވެ. ގެއްލުންދީ ނަރަކަ ވާޖިބުކުރުވާ ކަމަކީ ޢަދުލުވެރިކަމަށްވުރެ އަނިޔާވެރިކަން ޣާލިބުވުމެވެ. މިއީ ޤާޟީ އައްޝައުކާނީ ވިދާޅުވެފައިވާ ބަސްފުޅެކެވެ." [ނިމުނީ]

މިއިން ނެގޭ ދަލީލަކީ (ޝާހިދަކީ)، ޙާކިމަކު އަނިޔާވެރިވެއްޖެނަމަ، އެމީހަކު އެ ޙުކުމްކުރީ ﷲ ބާވައިލެއްވި ޙުކުމް ނޫން އެހެން އެއްޗަކުންނެވެ. "ސަބަބަކީ އަނިޔާވެރިޔާ (އެބަހީ: ޙުކުމުގައި ބޭއިންސާފުވެރިވާ މީހާ) ﷲ ގެ ޙުކުމްފުޅާ އިދިކޮޅުހަދައެވެ. އެކަލާނގެ ޚަބަރުފުޅުގައި ދޮގުހަދައި، އެކަލާނގެ ޝަރީޢަތް ބަދަލުކޮށް، އެކަލާނގެ ޚަލްޤުތަކުންނާއި ދެކޮޅުވެރިވެއެވެ."⁽¹⁾ އެހެންނަމަވެސް، މިފަދަ ޙާލަތުގައި (އެ ނިޔާކަނޑައެޅުމުގައި ދެވުނު) ކުފުރަކީ އޭނާ އިސްލާމްދީނުން ބޭރުކުރާ ވަރުގެ ކުފުރެއް ނޫނެވެ. މިއީ އެމީހާއީ ޝަރީޢަތް ބަދަލުކުރާ މީހަކަށް ނުވަތަ ބަދަލުކުރެވިފައިވާ (ވަޟަޢީ) ޤާނޫނަކުން ޙުކުމްކުރާ މީހަކަށް ނުވާނަމައެވެ. (އެބަހީ މިޘާލަކަށް ޒިނޭ ޘާބިތުވީ ކަމަށް ނިންމައި އެހެނަސް ޙައްދުގެ ބަދަލުގައި އެނޫން ޙުކުމެއް ކުރުމެވެ. މިއީ ބޮޑު ކުފުރެވެ. ނުވަތަ ވަޟަޢީ ޤާނޫނުގެ ޙުކުމަކަށް އެހިނދު ރިޢާޔަތްކޮށް ޙުކުމް ކުރުމެވެ.)


ވީމާ، ފާޅުވާން އޮތް ގޮތުގައި ފުޓްބޯޅައި ގެ ޤަވާޢިދުތައް 2 ބަޔަކަށް ބެހެއެވެ. އަދި އޭގެ ކުޅުންތެރިންނާއި ރެފްރީން ވެސް 2 ބަޔަކަށް ބެހިގެންވެއެވެ.


ފުޓްބޯޅައިގެ ޤަވާޢިދުތައް ބެހިގެންވާ 2 ބަޔަކީ:

​1 - ކުޅިވަރުގެ ތެރޭގައި ހިނގާ، ޝަރީޢަތުގައި އެކަމަށް ޚާއްޞަ ޙުކުމެއް ކަނޑައެޅިފައިނުވާ ކަންކަން ހުރެއެވެ. އޭގެ ތެރޭގައި ދަނޑުން ބޭރަށް ބޯޅަ ދިޔުން ނުވަތަ އަތުން ބޯޅައިގައި ބީހުން ފަދަ ކަންކަން ހިމެނެއެވެ. ޝަރީޢަތާ ޚިލާފުނުވާ ގޮތެއްގެ މަތިން، މިފަދަ ކަންކަމަށް އުޞޫލުތަކާއި ޤަވާޢިދުތައް އެކުލަވައިލުން ހުއްދަވެގެންވެއެވެ.

​2 - ކުޅިވަރުގެ ތެރޭގައި ހިނގާ، ޝަރީޢަތުގައި އެކަމަށް ޚާއްޞަ ޙުކުމެއް ކަނޑައެޅިފައިވާ ކަންކަން ހުރެއެވެ. އޭގެ ތެރޭގައި ހާނީއްކަވުމާއި (އެކި ތަންތަން ބިންދައިގެން ދިޔުން ފަދަ) ކަންކަން ހިމެނެއެވެ. މިފަދަ ޙާލަތުގައި ހެދޭ ޤަވާޢިދުތައް ދެ ޙާލަތަކަށް ބެހިގެން ވެއެވެ.

(ހ) ދޭދޭ ފަރުދުންނާއި އަވަށާއި ރަށުތެރޭގައި، ފީފާ ނުވަތަ އެނޫން ކާފަރުންގެ ޤާނޫނަކަށް ރަސްމީވެ ނުތިބެ ކުޅެވޭ ކުޅުންތަކެވެ. މި ޙާލަތުގައި މިކަން ﷲ ގެ ޙުކުމް ނޫން ޙުކުމެއް ހެދުމުގެ ސިފައިގެ ތެރެއިން ވަނުން ލާޒިމެއް ނޫނޭވެ. މިއީ ސަބަބުތަކަކަށްޓަކައެވެ:

  • މީގައި އިންތިޒާމު ކުރާ ފަރާތް ނޫނީ ފީފާގެ ޤާނޫނަށް ލާޒިމުނުވެ ހުންނަ ރެފްރީގެ މަސައްކަތަކީ އަސާސީ ގޮތެއްގައި ހުއްދަ ޢަމަލެކެވެ. އަދި އޭނާގެ ޙާލަތް ޝަރުޢީ ގޮތުން ޤިޔާސު ކުރެވެނީ ދެމަފިރިން ދެމެދު މައްސަލަ ޙައްލުކުރާ ފަރާތް ފަދައިންނެވެ. އަދި އެކި އަނބިން ދެމެދު މައްސަލަ ޢަދުލު ކުރާ ފިރިމީހާގެ މިސާލުންނެވެ. އަދި ދަރިން ދެމެދު ޢަދުލު ކުރާ ބައްޕަގެ މިސާލުންނެވެ. އަދި މި މީސްތަކުންގެ ޢަދުލު ކުރުމުގައި ބޭއިންސާފެއް އަޔަސް އެއީ ކުފުރާއި ހަމަޔަށް ވާޞިލުވަނިވި ކަމެއް ނޫނެވެ.

  • ފުޓުބޯޅަ އަދި މިފަދަ ދެބަޔެއް ދެމެދުގައި ކުޅެވޭ ކުޅިވަރަކީ (ލިޔެވިފައި އޮތަސް ނޫނީ ނެތަސް) އޭގެ ޒާތުގައި އެއްބަސްވުމެއް ގެ ދަށުން ކުރިޔަށް ދާ ތަކެއްޗެވެ. މިއެއްބަސް ވުމުގެ ތެރޭގައި ޢާންމު ޙާލަތުގައި ޖިނާޢީ ކުށްތައް ކަމަށް ބެލެވޭ ނޫނީ ޤިޞާޞު ޙައްޤުވާ ކަންތައްތަކެއް ދެފަރާތުން ބަލައިގަނެ އޭގެ ޙައްޤު ދޫކޮށްލެވިފައިވެއެވެ. އެހެނީ ޤިޞާޞުގެ ޙައްޤު ދޫކޮށްލުމީ އެފަރުދަކަށް ލިބިގެންވާ ޙައްޤެކެވެ. އަދި މިކަން ބަނޑުމުސާރަޔަށް ބެއްދުން (ރެސްލިންގ) ކުޅިވަރުން ހާމަވެއެވެ. އަދި މިއީ ނަބަވީ ޒަމާނުގައިވެސް އޮތް ސުންނަތުން ޘާބިތު ކުޅިވަރެކެވެ. މިގޮތުން ކުޅުންތެރިޔާގެ ބުރަކަށި ބިންމަތީ ޖެއްސުމަށްޓަކައި ކޮއްޕުމާއި ގެންނެވުން އޭގައި ހިމެނެއެވެ. އަދި މިއީ ރެސްލިންގ ގެ ހާމަނޫން އެއްބަސް ވުމުން އޭގެ ޙައްޤު ދޫކުރެވިފައިވާ ކުށްތަކެވެ. (ބައެއް ޢިލްމުވެރިން ގެ ގާތުގައި އަތްތިލައިން ޖެހުމާއި ކޮއްޕުމަކީވެސް ޤިޞާޞު ޙައްޤުވާ ކަންކަމެވެ.) ފުޓްބޯޅައިގައި ވެސް ބޯޅަ ހޯދުމަށާއި ހިފެހެއްޓުމަށް ބައެއް ބާވަތުގެ ހުރަސް އުޅުންތަކާއި ކޮއްޕުންތައް (ޝޯލްޑަރ ޓު ޝޯލްޑަރ އަދި ޝީލްޑިންގް ފަދަ) ހިމެނޭނީ އޭގެ އުކުޅުތަކުގެ ތެރޭގައި ހިމެނޭ އަދި ކުޅިވަރުގެ އެއްބަސްވުމުގެ ދަށުން ދޫދެވިފައިވާ ޙައްޤުތަކަށެވެ. ވީމާ މިއެއްބަސްވުމުގެ އަސާސުން ޤިޞާޞު ގެ ޙައްޤު ވަނީ މަޢާފުކުރެވިފައެވެ. ދެން ޤަބޫލުކުރެވޭ މިންވަރުން ބޭރަށް އެކަމުގައި ބާރު ގެ ބޭނުން ކުރެވިއްޖެ ހިނދެއްގައި އެ މިންވަރަށް ބަލައި އެކަމުގައި ތައުޒީރީ އަދަބެއް ދެވުން ވެއެވެ. އަދި މިކަމަކީ ޝަރުޢީގޮތުން ހުއްދަކަމެކެވެ. މިޙާލަތުގައި ތައުޒީރީ އަދަބުގެ އަޞްލަކީ ގެއްލުން ނުވަތަ ހާނީއްކަ ވާ ކުޅުންތެރިޔާގެ ޙައްޤުގެ ތެރޭގައި ދެމިއޮންނަ އެއްޗެއް ކަމެވެ. ވީމާ ތައުޒީރީ އަދަބެއް އައުންވަނީ އޭނާ ރުހޭނަމައެވެ. އެނޫންނަމަ ނުވެއެވެ. (ނޯޓް: އަސާސީ ގޮތެއްގައި ތައުޒީރީ އަދަބުތަކަށް އެއްބަސްވެ ބޭނުން ކުރެވެނީ ފީފާގައި ވެސް ހުރި، ފައުލް ޤަވާޢިދުތަކުން ލިބޭ އަދަބުތަކެވެ. އަދި ގިނަ ފުޓްބޯޅަ މެޗުތައް ކުރިޔަށް ދާއިރު ދޭދޭ ފަރުދުން ދެމެދުގައިވެސް މި އަދަބުތައް ހުންނަނީ ވަކި އަދަބުތަކެއް ގޮތުގައި އެއްބަސްވެ ނޫނީ ލިޔެވި ކަނޑައެޅިފައެވެ. އަދި މީގައި އަނިޔާ ލިބޭ ފަރާތުގެ އިޚްތިޔާރަށް ސަމާލުކަމެއް ދެވިފައި ނުވެއެވެ. މިއީ މިކަމުގައި ހުއްދަ ނޫން ގޮތެއް ކަމުގައި އަހަރެމެން ދެކުނަސް ، މިއީ —ފީފާ އަދި ޢާލަމީ ކުފުރު ޤާނޫނުތަކުން ޙުކުމް ނުހޯދާހާހިނދަކު — ކުފުރާއި ހަމަޔަށް ވާޞިލުވަނިވި ކަމެއް ނޫނެވެ.) މިފަދަ ލިސްޓެއް ކުފުރާއި ހަމަޔަށް ވާޞިލުވުން ވަނީ އެވަކި މައްސަލައިގައި ﷲގެ ޙައްދަށް އިންކާރުކުރުން ކަނޑައެޅިފައިވާނަމައެވެ.

  • މިފަދަ ތައުޒީރުތަކީ ރަސްމީ ޤާޟީއެއް އެކަން ތަންފީޒުކުރުމަށް ބޭނުންވާ ކަންކަމެއް ނޫނެވެ. އެއީ ދެމީހެއް ދެމެދުގައި ކަމެއް ޙައްލުކުރުމަށް ޙައްލުވެރިޔެއް (އާބިޓްރޭޓަރ އެއް) ނެގުމަށް ރުހި އެކަން ނިންމުމެވެ. މިފަދަ ޙައްލުވެރިޔަކަށް ޤިޞާޞުގެ އަދަބެއް ތަންފީޒުކުރެވިދާނެތޯއާއި މެދު ޙަންބަލީ މަޛުހަބުގައި ދެރައުޔެއް ވެއެވެ. (އަދި މިއީ އަހަރެމެންގެ މައުޟޫޢެއް ނޫނެވެ.)


(ށ) ފީފާ ނުވަތަ (އިސްލާމީ ޝަރުޢު ނޫން) ޢާލަމީ ކުޅިވަރުގެ އިދާރާއަކުން ކަނޑައަޅާ ޤާނޫނުތަކުގެ މައްޗަށް ޤިޞާޞުފަދަ ޙައްދުތައް އަންނަ މައްސަލަ ތަކުގައި ޤަވާޢިދު ކަނޑައަޅައި އެއަށް ބޯލަނބައިގެން އެކަނި ކުރިޔަށްދާ ޤައުމީ ފުޓުބޯޅަ ކުލަބުތަކާއި ކުލަބުޖަމިއްޔާތަކާއި އޭގެ މެޗުތައް:

(i) ޢިލްމުވެރިން ކުރެ ޢާންމު ބައިގަނޑު ވިދާޅުވެއެވެ: މިކަމުގައި ވެސް ވަނީ އިހުގައި ބުނެވުނު ފަދައިންނެވެ. ކުޅިވަރުގެ ތެރޭގައި ޤިޞާޞުގެ ޙައްޤު ދޫކުރެވިފައިވުމުގެ އެއްބަސް ވުމެވެ. އަދި ތައުޒީރީ ޙުކުމްތަކީ ކުޅިވަރުގެ ތެރޭގައި ހުއްދަ އިދާރީ ޙުކުމްތައް ކަމުގައެވެ.

(ii) އޭގެތެރެއިން ތަޙުޤީޤު ކުރައްވާ ބައިގަނޑެއް ވިދާޅުވިއެވެ: ނޫނެކެވެ. މިޙާލަތުގައި މިއީ ﷲގެ ޙުކުމް ފިޔަވައި ޙުކުމެއް ކުރުމެވެ. އަދި އެއަށް ބޯލެނބުމެވެ. އަދި އޭގެ ޙުލާޞާއަކީ:

  • މިކުޅިވަރާއި އޭގެ ޤަވާޢިދުތައް ދިރާސާ ކޮށްފި ކޮންމެ މީހަކަށް ވެސް އެނގޭނޭ ފަދައިން އެޢާލަމީ ޖަމާޢަތްތައް އެވެރިންގެ އެންމެހާ ޤާނޫނަކާއި ޤަވާޢިދެއްގައި ﷲ އެއިލާހުގެ ރަސޫލުންނަށް ބާއްވައިލެއްވި ޝަރުޢުއަށް އިންކާރުކުރެއެވެ. އެހެނީ އެވެރިންގެ ކަންކަން ރާވައި ހިންގުމުގެ ދީނެއް ގޮތުގައި އެވެރިން ޤަބޫލުކުރަނީ އަލްމާނިއްޔަތު (ދީނީ ޙުކުމްތަކާއި ވަކިން ދުނިޔޭގެ ޙުކުމްތައް ވަކި ކޮށްފައި ބޭއްވުމުގެ) ފިކުރާއި (އޭގެ މައްޗަށް ބިނާވެ އޮންނަ) ޑިމޮކުރެސީ ކަމުގައި ވުމުންނެވެ. ވީމާ ސެކިއުލަރ ފިކުރުގެ މައްޗަށް އޮތް ފީފާގެ ޤަވާޢިދަށް ރުޖޫޢަވެ ރެފުރީއެއް ގޮތް ކަނޑައެޅުމީ ކުފުރެކެވެ. (އެއީ ބޭރުފުަށް މިކަމުގައި ޢަމަލު ކުރެވޭ ގޮތްގަނޑުގައި އެއްގޮތް ކަމެއް ހުއްޓަސް އެވެ.)

  • ފީފާ ޤާނޫނު ގައި ވެއެވެ: 5 ވަނަ މާއްދާ ދަށުން: "ކޮންމެ މެޗެއްވެސް ކޮންޓްރޯލްކުރާނީ، ކުޅިވަރުގެ ޙުކުމްތައް ތަންފީޛުކުރުމުގެ ފުރިހަމަ ބާރު ލިބިގެންވާ ރެފްރީއެކެވެ." އަދިވެސް ވެއެވެ: "ކުޅުމާ ގުޅުންހުރި ކަންކަމާ މެދު ރެފްރީ ނިންމާ ނިންމުންތަކަކީ... (ބަދަލުނުގެނެވޭނަ ތަންފީޒީ) އެންމެ ފަހުގެ ނިންމުންތަކެވެ." ވީމާ ރެފުރީގެ ޙުކުމަކީ ފީފާގެ ސެކިއުލަރ ޤާނޫނުގައި އޮތް ނިންމުމަކަށް ބޯލަނބައި ރަސްމީކޮށް ނިންމޭ ނިންމުމެކެވެ. އަދި އޭގައި ﷲ ގެ ޝަރުޢުއަށް ބެލެވިފައި ނުވެއެވެ.

  • ވަކިން ޚާއްޞަކޮށް ފީފާ އަކީ އޭގެ ޒާތުގައި ޠާޣޫތީ އިދާރާއެކެވެ. އަދި އޭގެ ޙަޤީޤަތް އެނގިއްޖެ ޢިލްމުވެރިޔެއް މި ނުކުތާއަށް ދެބަސްވެނުލައްވާނެއެވެ. އެހެނީ ހާނިއްކައިގެ ބަދަލު ހޯދުމަށް ފަރުދެއް ޝަރުޢީ ކޯޓަށް ދިޔުމަށް ފީފާ ތަފާތު ސަބަބުތަކަށްޓަކައި ހުރަސް ނޭޅިޔަސް، އޭގައި ރަޖިސްޓަރީވެފައިވާ ކުލަބު ޖަމިއްޔާ ތަކާއި ޤައުމީ ފުޓުބޯޅަ ޓީމުތަކުގެ ތެރޭގައި ޖެހޭ މައްސަލަ (މުސާރައިގެ މައްސަލަތައް، ކޮންޓުރެކްޓުގެ މައްސަލަތައް، ޓުރާންސްފަރ ފީ އަދި މިބާވަތުގެ މައްސަލަތައް) ފީފާގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ އާބިޓުރޭޝަން ކޯޓުތަކުން އެކަނި ނިންމުމަށް ފީފާގެ ޤާނޫނު ބުނެއެވެ. އަދި އެކަން ކުރުމަށް މަޖުބޫރުކޮށްފައިވެއެވެ. އަދި އެއާއި ޚިލާފުވާ ކުލަބުތައް (ޤައުމީ ޓީމުތައްވެސް) އަދަބުދީ ފީފާގެ މެޗުތަކުން ސަސްޕެންޑުކޮށް ފިޔަވަޅުތައްވެސް އަޅާފައިވެއެވެ. އަދި އިންޒާރުދެވެއެވެ.

  • އަދި ފަރުދީ ކުޅުންތެރިންގެ ކޮންޓުރެކްޓާއި، މުސާރަޔާއި، "ބޭޑް-ޓެކުލު" ނުވަތަ ކުޅިވަރުގެ އިމުން ބޭރުނުވާ ފައުލު އަނިޔާގެ މައްސަލަތަކުގައި ވެސް ފީފާގެ ޤަވާޢިދު ވަނީ ފީފާގެ ކޯޓުތަކުން ބޭރަށް ނުދިޔުމެވެ. އަދި ތަފާތު އެއްބަސްވުންތައް ކުލަބު ލެވެލް އާއި ޤައުމީ ފުޓުބޯޅަ ލެވެލްގައި ހަދައި ކޮންޓުރެކްޓާއި ޤަވާޢިދުގެ ތެރޭގައި މިކަންކަމަށް އިޤުރާރުތައް ފީފާއިން ހިމަނުވައެވެ. އެހެނަސް އަނިޔާވެރިކޮށް ހިންގޭ ޢުދުވާނީ ފައުލެއްގައި ލިބޭ ހާނިއްކަޔަށް އެއް ފަރުދެއް އަނެއް ފަރުދަކާއި ދެކޮޅަށް ސިވިލް ކޯޓަކަށް ދިޔުން ފީފާއިން ތަފާތު ސަބަބަށްޓަކައި ހުރަސް ނާޅައެވެ. މިއީ މެޗު ނިމުނުގޮތަށް ހުރަހެއް ނާޅައި ހަމައެކަނި "ހާނިއްކައިގެ" ބަދަލު (ފައިސާއިން) ހޯދުމުގެ މައްސަލަތަކުގައެވެ.


އަހަރެން ބުނަމެވެ: ވީމާ މި ޠާޣޫތީ ޤާނޫނުން ބަރީއަ ވުމުގެ ގޮތުން، ފީފާގެ ޤާނޫނަށް ރަސްމީވެ ނުތިބެ ކުޅެވޭ ޢާންމު މެޗުތަކުގައި ދޭދޭ ފަރުދުން "ފީފާގެ ޤަވާޢިދު" އަށް ތަބަޢުވުމަށް ބުނުން ހުއްދަވެގެން ނުވެއެވެ. އަދި ގޮތް ނިންމުމަށް އެއަށް ރުޖޫޢަވުން ވެސް ހުއްދަވެގެން ނުވެއެވެ. އެހެނަސް ޖުމްލަކޮށް އެންމެން ބަލައިގަންނަ ޤަވާޢިދުތަކެއް ގޮތުގައި ކަންކަން (ލިޔެފައި ނޫނީ ނުލިޔެވިޔަސް) އެއީ ފީފާ ގެ ޤަވާޢިދުތަކާއި އެއްގޮތް ކަން ހުރި އެއްޗެއް ވިޔަސް ނޫނީ ނުވިޔަސް ފަރުވާލެއް ނެތެވެ. އަދި މިއެންމެހާ ކަމެއްވެސް ގެންދެވެނީ ޝަރީޢަތުގެ ހަމަތަކުން ކަމުގައި ކަށަވަރުކޮށް ތެދުކުރަން ޖެހެއެވެ.


މީގެ މައްޗަށް ބަލައި ބުނަމެވެ:


ފުޓުބޯޅަ ކުޅުން ތެރިންނާއި ރެފްރީން ބެހޭ 2 ބަޔަކީ މިއެވެ:


ފުރަތަމަ ބައި: އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (FIFA) ނުވަތަ އެނޫންވެސް ޢާލަމީ (މުޝްރިކުންގެ) އިއްތިހާދުތަކަށް ރަސްމީކޮށް ނިސްބަތްވާ ޤައުމީ ޓީމުތަކާއި ކްލަބްތަކުގެ ފުޓްބޯޅަ ކުޅުންތެރިންނެވެ. ފަހެ، މި މީހުން ވަނީ ޙުކުމްކުރުމާއި ޙުކުމް ހޯދުމަށް އެދުމުގެ (الحكم والتحاكم) ބާބުގައި، އިސްލާމްދީނުން ބޭރުވާފަދަ ބޮޑު ކުފުރަކަށް އަރައިގަނެފައެވެ. (މިއީ ޢާންމު ޙުކުމެވެ.)

ފުޓްބޯޅަ ޤާނޫނުގައި އައިސްފައިވެއެވެ؛ (މާއްދާ (5): ރެފްރީގެ ބާރު: ކޮންމެ މެޗެއްވެސް ކޮންޓްރޯލްކުރާނީ، އެ މެޗަކާ ގުޅޭގޮތުން ކުޅިވަރުގެ ޤާނޫނުގެ މާއްދާތައް ތަންފީޛުކުރުމުގެ މުޠުލަޤު (ފުރިހަމަ/އެންމެ މަތީ) ބާރު ލިބިގެންވާ، އެ މެޗަކަށް ހަމަޖައްސާފައިވާ ރެފްރީއެކެވެ). [ނިމުނީ]

އަދިވެސް އޭގައި އައިސްފައިވެއެވެ: (ރެފްރީގެ ނިންމުންތައް: ކުޅުމާ ގުޅުންހުރި ކަންކަމާ މެދު ރެފްރީ ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތަކެވެ). [ނިމުނީ]

މީގެ އިތުރުން، (ޠާޣޫތީ) ދިދައަށް (ތަވާޟިޢުވެރިވެ) އިޙްތިރާމް އަދާކުރުމަށް ކުޅުންތެރިން ތެދުވުމާއި، (ޝިރުކުގެ ޖުމްލަތަކާއި ވަޟަޢީ ޤާނޫނަށް ބައިޢަތުދެވޭ) ޤައުމީ ސަލާމް ކިޔުމާއި، ޢަރަބި އަދި ހުޅަނގުގެ ދައުލަތްތަކުގެ ޠާޣޫތުންނަށް މާތްކޮށް ހިތުމާއި، ކުފުރުވާފަދަ އެނޫންވެސް ކަންކަން މީގެ ތެރޭގައި ހިމެނެއެވެ. (މިއީ މިކަމުގެ ޢާންމު ޙުކުމެވެ. މުޢައްޔަނު ކުރުން ވަނީ ތަކްފީރުގެ މަގުހުރަސްތައް ގިރާކުރުމަށް ފަހުގައެވެ.)


ދެވަނަ ބައި: އެފަދަ (ކާފަރުންގެ ރަސްމީ) ނިޒާމަކާ ގުޅުމެއް ނެތި އަދި އެފަދަ ނިޒާމަކުން ޙުކުމް ހޯދުމެއް ނެތި، އަވަށްތަކުގައާއި (ކުޅޭ ދަނޑުތަކުގައި) އެނޫންވެސް ތަންތަނުގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންނެވެ. ފަހެ، އަހުރެމެންނަށް އެނގެންއޮތް އެއްޗަކީ މިފަދަ މީހުން ކުފުރުވާފަދަ ކަމެއްގެ ތެރެއަށް ވަދެފައި ނުވުމެވެ.

އަދި ﷲ ގެ ޝަރީޢަތާ ޚިލާފު ފީފާގެ ޤާނޫނުތަކަށް ރުޖޫޢަވުމެއް ނެތި، ކުޅުންތެރިންގެ މެދުގައި ކުޅިވަރު އިންތިޒާމުކުރަން އިސްވެހުންނަ މީހާ (ރެފްރީ) އަށް ބަލާއިރު - އޭނާގެ ޢަމަލުގެ އަޞްލަކީ ހުއްދަ ކަމެކެވެ. މިއީ ދެމަފިރިންގެ މެދުގައި މައްސަލައާއި ނުތަނަވަސްކަން އުފެދޭ ހިނދު މައްސަލަ ޙައްލުކުރަން އިސްކުރެވޭ މެދުވެރިޔާގެ (ޙަކަމުގެ) ޙާލަތާ އެންމެ ވައްތަރު ގޮތެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا إِن يُرِيدَا إِصْلَاحًا يُوَفِّقِ اللَّهُ بَيْنَهُمَا إِنَّ اللَّهَ كَانَ عَلِيمًا خَبِيرًا﴾ (النساء: ٣٥)

((އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ أهل ވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ أهل ވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! صلح ކުރުމަށް އެދެމީހުން قصد ކުރާނަމަ، اللَّه، އެ ދެމީހުން صلح ކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ خبير ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.))

އަދި ފިރިމީހާ އޭނާގެ އަނބިންގެ މެދުގައި ޙުކުމްކުރުމާއި(2) އަދި ބައްޕަ އޭނާގެ ދަރިންގެ މެދުގައި ޙުކުމްކުރުމުގެ ޙާލަތުވެސް ވަނީ މިއާ އެއްގޮތަށެވެ(3).


ދެން ބުނަމެވެ: މިކަމުގައި ތަކްފީރު ކުރުމަށްއަވަސް ވެގަތުމަކީ ކުށެކެވެ. އަދި އަހަރެމެން ކުރިން ބަޔާންކުރި ފަދައިންވެސް، ޢާންމުންތެރޭގައި މިކުޅެވޭ ފީފާގެ ރަސްމީ މެންބަރުންގެ ބޭރުން ކުޅެވޭ ނޫނީ އިންތިޒާމުކުރެވޭ މުބާރާތެއްވިޔަސް މެޗެއްގައި ވިޔަސް މިކުފުރުގެ ޞިފަ ނުހިމެނޭއެވެ.

އަދި ކުޅުމުގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކަށް މިޙުކުމް އައުމެއް ލާޒިމެއް ނޫނެވެ. އެކަން ބިނާވަނީ އެފަރުދެއްގެ ޙަޤީޤަތުގެ މައްޗަށް ބަލައެވެ. އަދި ކިއެއެއްތަ، އެކުޅިވަރުގައި ބައިވެރި ނުވިޔަސް، ﷲ ޙުކުމާއި ފުށުއަރާ ކަމެއް އޮތަސް ނެތަސް ތިމަންނާއަށް ފަރުވާލެއް ނެތް ކަމަށް ދެކޭ މީހަކީ، އޭނާގެ އެޤަބޫލުކުރުމުގެ މައްޗަށް އެކަނިވެސް ކުފުރުވެފައިވާ މީހެކެވެ. މިއާއި ޚިލާފަށް، މިކަމުގެ ޙަޤީޤަތުގެ މައްޗަށް ޖާހިލުވެހުރެ ނޫނީ މިކަމުގައި ތައުވީލުތަކެއް ކޮށް މީގައި ޝަރީޢަތާއި ފުށުއަރާކަމެއް ނުވާކަމުގައި ދެކި އެޤަވާޢިދުތަކަށް ޢަމަލުކުރާ މީހުން ވަނީ ތަފާތު ޙާލަތްތަކަށެވެ. އަދި އެކަމުގައި ރުޖޫޢަވުންވަނީ ޝަރުޢީ ޙުކުމެއް މައްޗަށް މީހާ ޒިންމާ ކުރެވޭ މަގުހުރަސްތައް ނައްތާލުމުގެ ބާބުގެ ތަފްޞީލުތަކަށެވެ.


ފުޓުބޯޅަ މުބާރާތް ތަކުގައި ހިމެނޭ މުންކަރާތް ތަކާއި އޭގެން މަގުފަހިވާ އަލްވަލާއު ވަލްބަރާއުގެ މައްސަލަތަކާއި، އޭގައި ހިމެނޭ ޙުކުމުގެ މައްސަލައާއި އެނޫން މުންކަރާތް ތަކުން ސަލާމަތްވާ ހިނދުގައިވެސް، އެކުޅިވަރަކީ ހުއްދަ އެއްޗެއް ކަމާއި މެދު ޒުވާބު އެބައޮތެވެ. އަސާސުތަކާއި އޭގެން ނިކުންނަ ކަންކަމަށް ބަލައި، އެންމެ ލުއިކޮށް ބުނާ ނަމަވެސް ބުނެވެން އޮތީ މިއީ މަކުރޫހަ ކުޅިވަރެއް ގޮތުގައެވެ. ފަހެ މީގައި މިހިމެނެނީ ދެކަމެކެވެ. އެއީ ފައިމަގުން ވާދަކުރުމާއި ބޯޅައިގައި ޖެހުމެވެ.

އަދިކިއެއްތަ؟ މިކަން ޙަރާމް އާއި ގާތަށްވެސް ބަދަލުވުން ގާތެވެ. އެއީ މިއަންނަނިވި ސަބަބުތަކަށްޓަކައެވެ:

ފުރަތަމައީ: ޢާންމުގޮތެއްގައި ފުޓްބޯޅަ ސިފަކުރެވޭނީ "ކުޅިވަރެއް" (اللعبة) ކަމުގައެވެ. އަދި ޢިލްމުވެރިން ނައްޞު ކުރައްވާފައިވަނީ "اللعبة" ގެ ނަން ދެވޭ ކޮންމެ ކަމަކީ މަކްރޫހަ ކަމެއްގެ ގޮތުގައެވެ. "އަލްއިޤްނާޢު" ފޮތުގެ 2/321 ގައި ވިދާޅުވެފައިވެއެވެ: "(އަދި ނެށުމާއި، ޅެންކިޔާ މަޖިލިސްތަކާއި، اللعبة ގެ ނަން ދެވޭ ކޮންމެ ކަމަކީ މަކްރޫހަ ކަމެކެވެ)." ނިމުނީ.

އަދި ސުންނަތުން މީގެ ދަލީލަކީ ނަބިއްޔު ﷺ ގެ މި ޙަދީޘްފުޅެވެ: «كل شيء يلهو به ابن آدم فهو باطل إلا ثلاثا رميه عن قوسه، وتأديبه فرسه وملاعبته أهله فإنهن من الحق» "އާދަމުގެދަރިޔާ މުނިފޫހިފިލުވުމުގައި މަޝްޣޫލުވެއުޅޭ (ޣާފިލުކޮށްދޭ) ކޮންމެ ކަމަކީ ބާޠިލު ކަމެކެވެ. (މިތާނގައި ބާޠިލުގެ މާނައީ: އެއިން އޭނާއަށް ހެވެއް ޘަވާބެއް ނުވާ ކަންކަމޭ އެވެ.) ތިން ކަމެއް މެނުވީއެވެ: ދުނިދަނޑިން ތީރުއުކުމާއި، އަސް ތަމްރީނުކުރުމާއި، އަނބިމީހާއާއެކު ސަމާސާކޮށް އުޅުމެވެ. ފަހެ، ހަމަކަށަވަރުން އެއީ ޙައްޤު ކަންކަމުގެ ތެރެއިންވާ ކަންކަމެވެ."

ދެވަނައީ: މި ކުޅިވަރުގައި ކޮންމެވެސް މަންފާއެއް (މަޞްލަޙަތެއް) ވީނަމަވެސް، މިއީ މަންފާއާއި ގެއްލުން އެކުވެފައިވާ ކުޅިވަރެކެވެ. ސަބަބަކީ ކުޅިވަރުގެ ޠަބީޢަތުގައި ބޯޅަ ޖެހުމާއި ބޯޅައަށް ވާދަކުރުން ހިމެނޭތީ، މީގެ ސަބަބުން "ކުޅިވަރުގެ އަނިޔާތައް" (އިޞާބާތުލް މަލާޢިބު) ގެ ގޮތުގައި މަޝްހޫރުވެފައިވާ އެކި ބާވަތުގެ އަނިޔާތަކަށް ހުށަހެޅުމުގެ ބޮޑު ފުރުޞަތެއް އޮތުމެވެ. އަދި ކުޅިވަރުގެ ޙާލަތު މިފަދައިންވާ ކޮންމެ ކަމަކީ އެކަން ހުއްދަނޫން ކަމާ ގާތްކުރާ ކަމެކެވެ.

​"އަލްއިޚްތިޔާރާތު" ފޮތުގައި (އިބްނު ތައިމިއްޔާ) ވިދާޅުވިއެވެ: "ޠާބު އާއި ނަޤީލާގެ ނަމުން މަޝްހޫރުވެފައިވާ ކުޅިވަރު ކުޅުން ހުއްދައެއް ނޫނެވެ. އަދި ވިދާޅުވިއެވެ: ގެއްލުމެއް ނުވާ ގޮތަށް މަންފާއެއް އެކުލެވޭ ކަންކަމުގައި ކުޅިވަރު ކުޅުން ހުއްދައެވެ. އަދި ވިދާޅުވިއެވެ: ގިނަ ފަހަރަށް ޙަރާމް ކަމަކަށް މަގުފަހިކުރުވާ ކޮންމެ ޢަމަލަކީ، އޭގައި ރާޖިޙު މަންފާއެއް ނުވާނަމަ، ޝަރުޢު ކުރެއްވި ފަރާތް އެކަން ޙަރާމްކުރައްވާފައިވާ ކަމެކެވެ. ސަބަބަކީ އެއީ ނުބައިކަމާއި ފަސާދައަށް މަގުފަހިވާ ސަބަބަކަށް ވާތީއެވެ." ނިމުނީ.

ތިންވަނައީ: މި ކުޅިވަރަކީ ގިނަ ފަހަރަށް ﷲ އަމުރުކުރެއްވި ކަންކަމުން މީހާ ޣާފިލުކޮށް މަޝްޣޫލުކުރުވާ ކަމެކެވެ. ޚާއްޞަކޮށް މި ޒަމާނުގައެވެ. މިއީ އުންމަތުގެ ކުރިއެރުމަށާއި، އުންމަތުގެ އިސްނެގުމާއި ޤަދަރު އަނބުރާ ހޯދުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކަށް އުންމަތް އިންތިހާއަށް ބޭނުންވެފައިވާ ޒަމާނެކެވެ. "އަލްއިޚްތިޔާރާތު" ފޮތުގައި ވިދާޅުވެފައިވެއެވެ: "(ﷲ އަމުރުކުރެއްވި ކަންކަމުން މީހާ ޣާފިލުކޮށް މަޝްޣޫލުކުރުވާ ކޮންމެ ކަމަކީ، އެކަމުގެ އަމިއްލަ ޒާތުގައި އެއީ ޙަރާމް ކަމަކަށް ނުވިނަމަވެސް، ނަހީކުރައްވާފައިވާ ކަމެކެވެ. އެއީ ވިޔަފާރިކުރުމާއި އެނޫންވެސް އެފަދަ ކަންކަން ފަދައިންނެވެ)." ނިމުނީ.

ހަތަރުވަނައީ: މި ކުޅިވަރަކީ ކުޅުންތެރިންނަށް ﷲ ގެ މަގުގައި ޖިހާދުކުރުމަށް އެހީތެރިވެދޭނެ ހުނަރުތަކެއް ކަށަވަރުކޮށްދޭ ކަމެއް ނޫނެވެ. މިއީ ތީރުއުކުމާއި އަސްދުއްވުމާ ޚިލާފަށް އޮތް ކަމެކެވެ. "އަލްއިޚްތިޔާރާތު" ފޮތުގައި ވިދާޅުވެފައިވެއެވެ: "އަދި ބާޠިލު ކަންކަމުގައި އުޅޭ މީހުން މަޝްޣޫލުވެއުޅޭ އެކި ބާވަތުގެ މުނިފޫހިފިލުވުންތަކާއި، ޙައްޤު ޝަރުޢީ ކަމަކަށް އެއިން އެހީތެރިކަމެއް ނުލިބޭ ޒާތްޒާތުގެ ކުޅިވަރުތަކުގެ ތެރެއިންވާ ކަންކަމީ، ހައްތާވެސް ޙަރާމް ކަންކަމެވެ." ނިމުނީ.


~ ގަލަންދާނު



ـــــــــــــــــــــــــــــــــــــــــــ

(1) މި ޢިބާރާތް އައިސްފައިވަނީ އަބޫ އަލްވަލީދު އަލްބާޖީގެ ކިބައިން «އައްނަޞީޙަތު އަލްވަލަދިއްޔާ» ގައެވެ. އޭގައި އޮތް ޢިބާރާތަކީ: "ތިޔައިން މީހަކަށް ޙުކުމަކުން ނުވަތަ ފަތުވާއަކުން ބަޔަކު ބެލެހެއްޓުން ﷲ ޙަވާލުކުރައްވައިފިކަން އެނގިއްޖެނަމަ، ކުޅަދާނަވީ މިންވަރަކުން ޢަދުލުވެރިކަން އިސްކުރާހުއްޓެވެ! އަދި އަނިޔާވެރިކަމާއި އޮޅުވާލުމުން ދުރުހެލިވާހުއްޓެވެ! ސަބަބަކީ އަނިޔާވެރިޔާ ﷲ ގެ ޙުކުމްފުޅާ އިދިކޮޅުހަދައެވެ. އެކަލާނގެ ޚަބަރުފުޅުގައި ދޮގުހަދައި، އެކަލާނގެ ޝަރީޢަތް ބަދަލުކޮށް، އެކަލާނގެ ޚަލްޤުތަކުންނާއި ދެކޮޅުވެރިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ﴿وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْفَاسِقُونَ﴾ (المائدة: ٤٧) ((އަދި ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާ މީހުން [ދަންނާށެވެ!] ފަހެ، އެއުރެންނަކީ ހަމަ ފާސިޤުންނެވެ.)) އަދި ރިވާވެގެންވެއެވެ: ((ހަމަކަށަވަރުން ހުރިހާ މަޚްލޫޤުންނަކީ ﷲ ގެ ޢާއިލާއެވެ (އެކަލާނގެ ބެލެހެއްޓެވުމުގެ ދަށުގައިވާ ބައެކެވެ). އަދި ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތި މަޚްލޫޤަކީ އެކަލާނގެ ޢާއިލާއަށް އެންމެ ރައްކާތެރިވާ މީހެކެވެ.)) އަދިވެސް ރިވާވެގެންވެއެވެ: «ما امرؤ استرعي رعية فلم يحطها بنصيحة إلا حرم الله تعالى عليه الجنة.» ((ރައްޔިތަކު ބެލެހެއްޓުން މީހަކާ ޙަވާލުކުރެވި، އެ މީހަކު އެ ރައްޔިތުންނަށް ހެޔޮނޭދިއްޖެނަމަ، ﷲ ތަޢާލާ އޭނާގެ މައްޗަށް ސުވަރުގެ ޙަރާމްކުރައްވާނެތެވެ.))

(2) ފިރިމީހާ އޭނާގެ އެއް އަންބާއި އަނެއް އަންބަކާއި ދެމެދު ބޭއިންސާފުވެރިވިޔަސް، އޭނާ ކަނޑައެޅެނީ އަނިޔާވެރިންގެ ތެރެއިންނެވެ. އަދި އޭނާގެ އަނިޔާވެރިކަން އަޞްލު ގޮތުން ކުފުރާ ހަމައަށް ނުފޯރައެވެ. އަބޫ ދާވޫދު އެކަލޭގެފާނުގެ ސުނަންގައި އަބޫ ހުރައިރާގެ އަރިހުން ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: «مَنْ كَانَتْ لَهُ امْرَأَتَانِ فَمَالَ إِلَى إِحْدَاهُمَا، جَاءَ يَوْمَ الْقِيَامَةِ وَشِقُّهُ مَائِلٌ » ((ދެ އަނބިން ތިބި މީހަކު، އޭގެ ތެރެއިން އެކެއްގެ ކޮޅަށް (ޢަދުލުވެރި ނޫން ގޮތުގައި) ޖެހިއްޖެނަމަ، ޤިޔާމަތް ދުވަހުން އޭނާ އަންނާނީ އޭނާގެ (ހަށިގަނޑުގެ) އެއްފަރާތް އެލިގެންވާ ޙާލުގައެވެ.))

(3) އަދި ބައްޕަ އޭނާގެ ދަރިންތަކުގެ މެދުގައި ބޭއިންސާފުވެރިވިޔަސް، އޭނާ ކަނޑައެޅެނީ އަނިޔާވެރިންގެ ތެރެއިންނެވެ. އަދި އޭނާގެ އަނިޔާވެރިކަން އަޞްލު ގޮތުން ކުފުރާ ހަމައަށް ނުފޯރައެވެ. ދެ އިމާމުން (އަލްބުޚާރީ އާއި މުސްލިމް) ނުޢުމާން ބުނު ބަޝީރުގެ އަރިހުން ރިވާކުރެއްވިއެވެ: އެކަލޭގެފާނުގެ ބައްޕަ އެކަލޭގެފާނު ގޮވައިގެން ﷲ ގެ ރަސޫލާ ﷺ ގެ އަރިހަށް އައިސް ދެންނެވިއެވެ: ތިމަންގެ މި ދަރިއަށް އަޅަކު ހަދިޔާކޮށްފީމެވެ. ފަހެ، އިތުރުއެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: «أَكُلَّ وَلَدِكَ نَحَلْتَ مِثْلَهُ» "ތިބާގެ އެންމެހައި ދަރިންނަށް މިއާ އެއްގޮތަށް ހަދިޔާ ދިނިންހެއްޔެވެ؟" ދެންނެވިއެވެ: ނޫނެކެވެ. ޙަދީޘް ކުރެއްވިއެވެ: «فَارْجِعْهُ» "އެހެންކަމުގައި ވާނަމަ އަނބުރާ އެ އަތުލާށެވެ!"




[3] ފައިދާއެއް

(ތިރީގައި މިވަނީ 2019 ވަނަ އަހަރުގެ އަރުޝީފުން ނަކަލު ކޮށްލެވޭ މިމައުޟޫޢު އާއި ގުޅުންއޮތް ލިޔުމެކެވެ. މިއީ "ގަލަންދާނު" ގެ މުއައްސިސު ގެ ލިޔުމެކެވެ— عفا الله عنه.)


الحمد لله والصلاة والسلام على رسول الله، وعلى آله وصحبه، أما بعد:

"ސުވާލަކީ ކޮބާ" ކިޔާ ޕްރޮގްރާމެއްގައި ސާލާފް ޖަމިއްޔާގެ ޝެއިޚެއް ކަމަށްވާ، ޙަސަން މޫސާ ފިކުރީ ވާހަކަ ދައްކަވަމުން، ﷲގެ ޝަރީޢަތް ޤާއިމު ނުކުރުމަކީ ކޮންމެހެން ކުފުރެއް ނޫން ކަމަށް ވަކާލާތު ކުރުމުގެ މަޤުޞަދުގައި ވިދާޅުވި ބުނިމެކެވެ:

ފުޓްބޯޅައިގައި މިހިނގަނީ ފީފާ ގެ ޙުކުމް. ފީފާ އަކީ މުސްލިމުންނެއް ނޫން. ފުޓްބޯޅައިގެ ދަނޑުގައި މިހިނގަނީ ﷲ ތަޢާލާ ބާއްވައިލެއްވި ޙުކުމެއް ނޫން، ކާފަރުންގެ ޙުކުމް... ދެން ހަމަ އަޅުގަނޑު ބުންޔަންވީ ފީފާ ގެ ޙުކުމް ޙުކުމް ކުރާ ކޮންމެ މީހެއް އެހެރީ މުރުތައްދު ވެފައޭ ﷲގެ ޙުކުމަކަށް ނޫނޭ އެ ޙުކުމް ކުރަނީ ކީއްވެ؟ ދެން ހަމަ ޙަޤީޤަތުގައިވެސް މީހެއް ގައިގާ ޖަހާވެސް ފާނެ، ތަނެއް ބިންދާލާވެސް ފާނެ، ފުޓްބޯޅައިގައި ބޮޑެތި އަނިޔާވެސް، ﷲގެ ޝަރީޢަތުގައި އޮންނަނީ މީހެއްގެ ގައިގާ ޖަހައިފިއްޔާ ޤިޞާޞް ހިފަން، އެހެނަސް ފީފާ ގަ މި އޮންނަނީ ފައުލް.. ކާޑެއް، އެންމެ ބޮޑުވެގެން ރެޑް ކާޑެއް ކަންނޭގެ ނުވަތަ 3 މެޗަށް ސަސްޕެންޑް ކުރުން. އެހެންވީމާ ފުޓްބޯޅަ ކުޅޭ އެންމެންވެސް ކާފަރު (ތޯ).... އެކަމަކު އަޅުގަނޑުމެން މުސްލިމުން އެންމެންގެ (ތެރޭގައިވެސް) އެކަން އެބަ ހިނގާ!


މި ވާހަކައަށް ރައްދެއް ގޮތުގައި ބުނަމެވެ:


  1. ބާޠިލުގެ މައްޗަށް ގިނަ ބަޔަކު އެއްވުމަކީ ބާޠިލު ޞައްޙަ ކޮށްދޭ ދަލީލެއް ނޫނެވެ.

މީގެ ދަލީލަކީ ﴿وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّهِ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ﴾ [އަލްއަންޢާމް ސޫރަތުގެ 116] ((އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން اللَّه ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ تبع އެއް ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ.))

އަދި ﴿وَمَا وَجَدْنَا لِأَكْثَرِهِم مِّنْ عَهْدٍ ۖ وَإِن وَجَدْنَا أَكْثَرَهُمْ لَفَاسِقِينَ﴾ [الأعراف 102] ((އަދި އެއުރެންކުރެ ގިނަމީހުން، އެއްވެސް عهد އެއްގައި (ހިފަހައްޓައިގެން) ވާތީ، ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ. އަދި ހަމަކަށަވަރުން، އެއުރެންކުރެ ގިނަމީހުންނީ، فاسق ން ކަމުގައިވާތީ ތިމަންރަސްކަލާނގެ ދެކެވޮޑިގެންވަމެވެ.))

އަދި ﴿قُلْ إِنَّمَا عِلْمُهَا عِندَ اللَّهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ﴾ [الأعراف 187] ((ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި اللَّه ގެ حضرة ގައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.))

އަދިވެސް ﷲ ތަޢާލާ ހޫދު ސޫރަތުގައި ވަޙީ ކުރެއްވިއެވެ. ﴿وَمَا آمَنَ مَعَهُ إِلَّا قَلِيلٌ﴾ [هود 40] ((މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެނެއް ނުވެތެވެ.))

އަދި އަލްބުޚާރީގައިވާ އިބްނު ޢައްބާސް ގެ ޙަދީޘްގައި ވެއެވެ: ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ. «..فَجَعَلَ النَّبِيُّ وَالنَّبِيَّانِ يَمُرُّونَ مَعَهُمُ الرَّهْطُ، وَالنَّبِيُّ لَيْسَ مَعَهُ أَحَدٌ» ((...އަދި އެއް ނަބިއްޔެއް ނުވަތަ ދެ ނަބިއްޔެއް (އެބޭކަލުންނަށް ތަބަޢަވީ) މަދު މީސްކޮޅަކާއިގެން ވަޑައިގަންނަވައެވެ. އަދި އަނެއް ނަބިއްޔެއް ފަހަތްޕުޅުގައި (ތަބަޢަވީ މީހަކަށް) އެކަކުވެސް ނެތިއެވެ.))


  1. ކަމަކާމެދު ޚާއްޞަ ޙުކުމެއް ނެތުމަކީ އޭގެ ޢާއްމު ޙުކުމް ނަފީވެގެން ދާނޭ ކަމެއް ނޫނެވެ.

އެހެންކަމުން ﷲ ޝިރުކު ޙަރާމް ކުރައްވާފައިވާ އިރު، ވަކި ވައްތަރެއްގެ ޝިރުކެއް ޚާއްޞަކޮށް ނަން ގަނެވިފައި ނުވުމަކީ އެ ޝިރުކު ހުއްދަ ވާނެ ކަމެއް ނޫނެވެ. އެހެނީ ކަންކަމުގެ އަޞްލަކީ އޭގެ ޢާއްމު ޙުކުމެވެ.

އެހެންކަމުން ފުޓްބޯޅަ ޤަވާޢިދަކީ އެއަށް ތަބަޢަވުން ތަޙާކުމުގެ ތެރެއަށް (އެބަހީ ﷲގެ ޝަރީޢަތް ނޫން ޝަރީޢަތަކަށް ޙުކުމް ހޯދުން) ކަމުގައި ވަނީނަމަ، ފުޓްބޯޅަ ޤަވާޢިދާ ބެހޭ ގޮތުން ޢިލްމުވެރިޔެއްގެ ވަކި ޚާއްޞަ ފަތުވާއެއް ނެތަސް، އެކަމުގެ ޢާއްމު ޙުކުމަށް ދެމިއޮވެއެވެ.


📌 ދެން ބުނަމެވެ:

ފުޓްބޯޅައިގެ މައްސަލައިގައި ފީފާ އަށް ރައްދު ކުރެވޭ ޙުކުމްތައް، ވަކިން ޚާއްޞަކޮށް "ފައުލް" ސިސްޓަމްގެ މައްސަލަ، އިސްލާމީ ޢިލްމުވެރިންގެ ތެރެއިން ފަހުގެ ބައިގަނޑެއް އެއީ "ތަޙާކުމުގެ ތެރެއިން ކުފުރަށް ވެއްޓޭނޭ ކަމެއް" ގެ ގޮތުގައި ނަން ގަންނަވާފައެވެ!

މިގޮތުން "ޙަޤީޤަތު ކުއްރަތިލް ޤަދަމި - ދިރާސަތުން ޝަރުޢިއްޔަތުން މިން ޚިލާލި ފިޤްހިލް ވާޤިޢި" އޭ ނަންގަނެވުނު ފޮތުގައި (pdf) އައްޝެއިޚް ޛިޔާބު ބުނު ސަޢުދު އާލް ޙަމްދާން އަލްޣާމިދީ، އެފޮތުގެ ފަސްވަނަ ބާބުގެ 7 ވަނަ މައުޟޫޢަކަށް ވިދާޅުވިއެވެ:

< ވަޟްޢީ ޤާނޫނުތަކުން ޙުކުމް ކުރުން >

އެއަށްފަހު ކުޅުމުގެ ތެރޭގައިވާ އިދާރީ ކަންކަމުގެ ޙުކުމްތަކާއި، ﷲގެ ޝަރީޢަތާއެކު ފުށުއަރާ ވަޟްޢީ ޤާނޫނުތަކުގެ ތަފާތު ބަޔާން ކުރައްވައި، ދެން ވިދާޅުވިއެވެ:

”އަދި ﷲ ތަޢާލާގެ ޙުކުމްތަކާއެކު ތަޢާރުޟުވާ މި ޤާނޫނުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއްޗަކީ، ޖިނާޔަތްތަކާއި ޤިޞާޞްގެ އިލާހީ ޙުކުމްތައް ވައްޓާލުމެވެ:

މިޘާލަކަށް ލޮލަކަށް ލޯ، ދަތަކަށް ދަތެއް، މީހަކަށް މީހެއް، އަތަކަށް އަތެއް... އަދި މިފަދައެވޭ.“

ދެން ވިދާޅުވިއެވެ:

”މީގެ ތަފްޞީލަކީ: ކުޅުންތެރިއަކު މުބާރާތެއްގެ ތެރޭގައި އެހެން ކުޅުންތެރިއެއްގެ ފަޔެއް ނޫނީ ދަތެއް ބިންދާލުމެވެ.، ނޫނީ އޭނާ ގައިގާ ޖެހުމެވެ... ނޫނީ މިނޫންވެސް އިސްލާމީ ޝަރީޢަތުން އެކަމުގެ މައްޗަށް ޤިޞާޞްގެ ޙައްދު އަންނަ ކަމެއް ކުރުމެވެ. މިފަދަ ކަމެއް ވެއްޖެނަމަ އެބައިމީހުންގެ ތެރޭގައި ވަނީ "ފައުލް" އެއް ކުރުމުގެ ޙުކުމެވެ. އަދި އެއަށް "ހިލޭ ޖެހުމެއް" ދިނުން، ނޫނީ ކުޅުމުން ބޭރުކުރުން ނުވަތަ ރަތް ކާޑެއް ދެއްކުން ނޫނީ މިނޫންވެސް ވަޟްޢީ ޤާނޫނެއްގެ ޙުކުމެވެ. އަދި މިއީ ﷲ ތަޢާލާގެ ޙުކުމާއެކު ފުށުއަރާ އެއްޗެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ..."

އެއަށްފަހު މިފަދަ ޤާނޫނެއްގެ ދަށުން ޙުކުމް ކުރެވޭ މުސްލިމް މީހާ މުރުތައްދުވާނޭ ޙާލަތްތަކާއި، އިސްތިޘްނާވާނޭ ޙާލަތްތައް އޭގައި ތަފްޞީލު ކުރެއްވިއެވެ.

މިދެންނެވުނު ދިރާސާއަކީ ޝައިޚް ޛިޔާބު ބުނު ސަޢުދު އަލްޣާމިދީ ލިޔުއްވި ފޮތަކަށް ވެފައި، މިފޮތުގެ އިސްބަސް (މުޤައްދިމާ) ލިޔުއްވައި ޘަނާ ވިދާޅުވެފައިވާނީ ޚުދު، އައްޝައިޚް އަލްޢައްލާމާ ޢަބްދު ﷲ ބުނު ޖިބްރީން (އިބްނު ޖިބްރީން) އެވެ!

އަދި މިޤަޥްލަކީ އިބްނު ޖިބްރީން އާއި، (ފޮތުގެ މުއައްލިފު) ޛިޔާބު އަލްޣާމިދީގެ މައްޗަށް އެކަހެރި (ބީރައްޓެހި) ޤައުލެއް ނޫނެވެ. މިގޮތުން އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން ވަނީ ހަމަ މިބީދައިން މިކަމުގެ މައްޗަށް ފަތުވާއެއްގައި ނަންގަންނަވާފައެވެ. މީގެ އިތުރުން އައްޝެއިޚް ޢަބްދުﷲ އައްނަޖްދީ އާއި ވަލީދު ބުނު ރާޝިދް އައްސަޢީދާން (ފަތުވާ) — އަދި އެނޫން ބޭފުޅުންވެސް ފަތުވާ ދެއްވާފައިވެއެވެ.

އަދި ޤަޠަރުގެ "އިސްލާމްވެބް" ގެ ފަތުވާ ކޮމިޓީގެ ފަތުވާ ނަންބަރު 138797 ގެ ނިންމުމުގައި ޝައިޚް ޛިޔާބު އަލްޣާމިދީގެ މިނަންގަނެވުނު ފޮތަށް ބަލައި ރިޢާޔަތް ކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ.

އަދި ޢިލްމުވެރިންގެ ތެރެއިން ބޮޑު ބައިގަނޑެއް ވަނީ މި މައްސަލައާއި ނުގުޅުވައިވެސް "ޕުރޮފެޝަނަލް ފުޓްބޯޅަ" ކުޅުމަކީ ޙަރާމް ކަމެއް ކަމަށް ތަފާތު އެތައް ސަބަބުތަކަކަށް ޓަކައި ފަތުވާ ދެއްވާފައެވެ. އަދި މިއީ ފޮރުވިފައިނެތް ފާޅު ރައުޔެކެވެ. (މިޘާލަކަށް އިސްލާމީ ސުވާލުޖަވާބުގެ މިފަތުވާ)

ވީމާ މިއީ ނާދިރު އަދި ޢިލްމުވެރިން އެއަށް މުޚާޠަބު ނުކުރައްވައި ހުރި ކަންކަމެއް ނޫނެވެ. މިހެންކަމުން ޢަޤީދާގެ، ވަކިން ޚާއްޞަކޮށް އީމާން އާއި ކުފުރުގެ މައްސަލަތަކާ ގުޅުންހުރި ކަންކަމުގައި ސަމާލުވެ ޝިރުކުގެ ނުރައްކާތެރި ފޮރުވިފައިވާ ވައްތަރުތަކުން ސަލާމަތްވުމަށް ހުޝިޔާރުވެ ތިބުމަށް ހަނދުމަކޮށްދެމެއެވެ. އަދި ﷲ ތަޢާލާއަށް ބިރުވެތިވެ އެ އިލާހު(ގެ ދީން)އާމެދު ނޭނގި ތިބެ ވާހަކަދެއްކުމުގެ ޙަރާމްކަމަށް ހަނދުމަކޮށްދެމެއެވެ. އަދި ތިމާއަށް ޢިލްމު ނެތް ކަންކަމުގައި އަވަސްވެ ފަތުވާތައް ދިނުމާއި، މަޝްހޫރު ޤައުލަކީ ޙައްޤު ކަމުގައި ދެކުމާއި، އަނިޔާލިބެމުންދާ ބަޔަކާމެދު އިހާނެތިކޮށް ގޮތް ނިންމުމާމެދު ﷲއަށް ބިރުވެތިވުމަށް ނަޞޭޙަތްތެރިވަމެއެވެ.


والله أعلم.